ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިނުވާ ކަމަށެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ކުރިއަށްގެންދިޔަ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގައި މިއަދު ރައްޔިތުންނަށް ޝަކުވާ ނޫން ކަމެއް އުފުލުމުގެ ޖާގައެއް ނެތް ކަމަށެވެ. މިއީ ދިވެހި ރައްޔިތުން މިއަދު ހަގީގަތުގައި އިހުސާސް ކުރަމުންދާ ދަތިކަމާއި، އަޅުވެތިކަމާއި، ނިކަމެތިކަން ކަމަށް ޔާމީން ސިފަކުރެއްވިއެވެ.
އަދި މި ވެރިކަމުން ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހި ރައްޔިތުން ފުނޑިގެން ދިޔުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި، މިއަދު ދިވެހިރާއްޖޭގައި ހިތްހަމަޖެހިލައިގެން އުޅެނީ ސަރުކާރުގެ ވެރިންނާއި އެ ވެރިންގެ ރަހުމަތްތެރިން އެކަނި ކަމަށެވެ. އެމީހުންގެ ޖީބުތައް ރިޝްވަތުގެ ފައިސާއިން ފަލަވަމުންދާއިރު، ރައްޔިތުންގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދަނީ ކަމަށް ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެ. ސިޔާސީ މައިދާނުގައި ކަންކަން ހިނގާ ގޮތް ސިފަކުރައްވަމުން ޔާމީން ވަނީ ޅެމެއް ވެސް ވިދާޅުވެފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ކުކުޅު ކޮއްޓަށް އަޅާ ކާނާ އާއި ޕީއެންސީގެ މެންބަރުންނާ އެއްވެސް ތަފާތެއް ނެތް ކަމަށާއި، ޕީއެންސީގެ މެންބަރުން އެ ކުރާ ކަމަކީ އިންސާނީ ކަރާމާތް ޑީގްރޭޑް ކޮށްލުން ކަމަށެވެ.
”ހާދަހާ ޑިސްއޮނަރަބަލް ބަޔެކޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ. އެމީހުން އެ ތިބީ އެމީހުންގެ ނަފުސާއި އެމީހުންގެ ރައްޔިތުން ވިއްކާލާފައި ނޫންތޯ،“ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. ޔާމީން ވަނީ ޕީއެންސީގެ މެންބަރުންނަށް ﷲ އަށް ބިރުވެތިވެ، މަޖިލީހުގައި ލިބިފައިވާ ސުޕަ މެޖޯރިޓީއަށްޓަކައި ދުނިޔޭގައި ބޮޑާވެ ނުގަތުމަށް އިލްތިމާސްކުރައްވާފައެވެ.
ޔާމީންގެ މި ބަސްފުޅުތައް އާންމުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބި، ސަރުކާރުގެ ނުފޫޒު ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީންގެ މި ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވަނީ، ޕީއެންއެފް އުފެއްދުމަށްފަހު އެމަނިކުފާނު ސިޔާސީ މައިދާނުގައި މިހާރު ހުންނެވި މަގާމުން، ސަރުކާރުގެ ސިޔާސަތުތަކާއި އަމަލުތަކަށް އިންޒާރެއް ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.





