ހުޅުމާލެ ފޭސް ދޭއްގައި ބާރު މިނުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ހަތަރު ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓަކަށްފަހު، ސައިކަލު ދޫކޮށް ފިލި ޑްރައިވަރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ބެރެންބެދިމާ ހިނގުމުގެ އެއްވަނަ ގޯޅިން، ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހިގެންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:27 ހާއިރުއެވެ.
އެކްސިޑެންޓުވުމާއެކު ސައިކަލު ދުއްވަން އިން މީހާ ވަނީ މަޑުނުކޮށް، ސައިކަލު އެ ސަރަހައްދަށް ދޫކޮށްލުމަށްފަހު ފިލާފައެވެ. ނަމަވެސް، ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ ދިވެހި ފިރިހެން މީހާ އެ ސަރަހައްދުގައި ހުއްޓައި ފުލުހުންނަށް ވަނީ ފެނިފައެވެ. ފުލުހުން ބުނީ އޭނާއާ ސުވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން ޒުވާނާގެ ތުންފަތް ފަޅައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ދިއުން ފަދަ އަނިޔާތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ހަތަރު ކާރަކަށާއި އެކްސިޑެންޓްވި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ބޭނުންވާތީ، އެކްސިޑެންޓްވި ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ. ފިލައިގެން އުޅޭ ޑްރައިވަރު ހޯދުމުގެ މަސައްކަތާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





