އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އެކަކުގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ވިޝާމް، 22 އަހަރު، އަހުމަދު ފާރިސް، 27 އަހަރު އަދި އަހުމަދު އާޝިދު، 27 އަހަރު ކަމަށެވެ. އެ ތިން މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، އޭގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި ކަމަށާއި، އާޝިދުގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖެހި ކަމަށެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ގޭގައި ވަރުގަދަ ޒަހަމްތަކާއެކު މަރާލާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އޭނާގެ އަންހެނުން ނާޒިމާއަށެވެ. އެއަށްފަހު އެރަށުގެ އެހެން ބަޔަކަށް ވެސް އޭނާ ފެނިފައިވެއެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހުގައި މިހާރު ވަނީ ވަޅުލާފައެވެ. ފުލުހުން ވިދާޅުވާ ގޮތުގައި، އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ވެސް އޭނާ ނިޔާވީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ކަން ދައްކައެވެ.
މި މަރާއި ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެކަކަށް ވުރެ ގިނަ މީހުންގެ ފޯނު އަތުލައި ގެތައް ބަލާ ފާސްކޮށްފައި ވެއެވެ. އެ މީހުންނަކީ ވެސް މާޅޮހުގައި ދިރިއުޅޭ އަދި އެރަށުގައި ވަޒީފާ އަދާކުރާ ބައެއް ކަން ވަނީ އެނގިފައެވެ.
މި މައްސަލައާ ގުޅިގެން ނާޒިމާގެ ފޯނު ފުލުހުން ބަލައިފާސްކުރިއެވެ. ނަމަވެސް އާއިލާގެ އެހެން މީހެއްގެ ފޯނެއް ފުލުހުން ހޯދާފައެއް ނުވެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.





