ސްރީ ލަންކާގެ ޒުވާން އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 28 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މަހުގެ 4 ވަނަ ދުވަހު ހައްޔަރުކުރި މި މީހާއަކީ ރާއްޖޭގައި ވަޑިއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށް މީޑިއާތަކުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ލަންކާގެ ބައްޓަރަމުއްލާގެ ޕެލަވައްޓާ ސަރަހައްދުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ އެ އަންހެން މީހާ ރޭޕްކޮށްފައިވަނީ، އެ ފިރިހެން މީހާ ހުރި ގެސްޓްހައުސްގެ ވިލާއަކަށް މަސާޖު ކުރުވަން ގެންދިއުމަށް ފަހުގައެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވަނީ، މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސްރީ ލަންކާއަކީ އެކި ބޭނުންތަކުގައި ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ އަދި އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ގައުމެވެ. އެ ގައުމުގައި 12,000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާއިރު، މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ލަންކާއިން ދިވެހިން ހައްޔަރުކޮށްފައިވާ ހާދިސާތައް ހިނގާފައިވެއެވެ.





