ޖަޕާނުގައި ތައުލީމް ހާސިލްކުރަމުންދިޔަ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޒުވާން މުވައްޒަފެއް ކަމަށްވާ ލުޖައިނާ އަލީ، ނިޔާވެއްޖެ ކަމަށް އެ ވުޒާރާއިން ރޭ ވަނީ އިއުލާނުކޮށްފައެވެ.
ލުޖައިނާއަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ހާރިޖީ ވުޒާރާގައި މަސައްކަތް ކުރަމުންދިޔަ ހީވާގި މުވައްޒަފެކެވެ. އޭނާ ޖަޕާނުގައި ހުންނެވީ ސްކޮލާޝިޕެއްގެ ދަށުން ރިޓްސުމައިކަން ޔުނިވާސިޓީގައި ”މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަން“ ކޯސް ފުރިހަމަ ކުރުމަށްޓަކައެވެ. މާސްޓާސް ކޯސް ނިންމަވައި ރާއްޖެ އައުމަށް ތައްޔާރުވަމުންދަނިކޮށް، މި ހިތާމަވެރި ހާދިސާ ހިނގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ލުޖައިނާ ނިޔާވެފައި ހުއްޓާ ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ކޮޓަރީގެ ތެރެއިންނެވެ. އޭނާ ނިޔާވި ސަބަބެއް އަދި ސާފުކޮށް އެނގިފައެއް ނުވެއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުޖައިނާއަކީ މަސައްކަތްތެރި، އޯގާތެރި، ވިސްނުންތެރި، އަދި އެ ވުޒާރާގެ އަގުހުރި މެމްބަރެއް ކަމަށެވެ. އަދި އޭނާއަކީ އެންމެންގެ ރަހުމަތްތެރިއެއް ކަމަށާއި އެ ވުޒާރާގެ ތެރޭގައި އޭނާއަށް އުއްމީދީ މުސްތަގުބަލެއް އޮތް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހިތާމަވެރި ވަގުތުގައި ލުޖައިނާގެ އާއިލާއަށާއި، ރަހުމަތްތެރިންނަށާއި، ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ.





