ކުށްތަކަށް ތައުބާވެ، ފާފަތަކާ ދުރުހެލިވުމަށްޓަކައި ވަރުގަދަ އަޒުމެއް ކަނޑައެޅުމަށް މިއަދުގެ ހުކުރު ޚުތުބާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ގޮވާލައިފިއެވެ.
”ޤިޔާމަތް ދުވަހުގެ ބިރުވެރިކަން“ މި މައުޟޫޢަށް މިއަދު އިއްވި ޚުތުބާގައި، ޤިޔާމަތްދުވަހާއި މަހުޝަރުގެ މައިދާނަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް ބަލާލައި، އެ ދުވަހުގެ ބިރުވެރިކަމާއި މީސްތަކުންގެ ހާލަތު ބަޔާންކޮށްދީފައިވެއެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ. އެ ބިރުވެރި ވަގުތު ފެންނަ ހިނދު، ކިރުމައިން އެކަނބަލުންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ބަނޑުގައި އޮތް ދަރި ވިހައި، މީސްތަކުން މަސްތުވެފައިވާ ފަދަ ހާލަތެއްގައި ތިއްބާ ފެންނާނެއެވެ. އަދި އާންމު ހާލަތްތަކުގައި އެހީއަށް އެދި އެންމެ ގާތް މީހުންގެ ގާތަށް ދިޔަ ނަމަވެސް، މަހުޝަރު ބިމުގައި އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްނުދޭނެ ކަމަށާއި، އެންމެ ގާތް މީހުން ވެސް އެކަކު އަނެކަކަށް ފިލަން ދުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
އުޑު އިރައިގެންގޮސް، މާތް ﷲގެ ވަޢުދުފުޅު ފުރިހަމަވާނެ އެ ދުވަހު މީސްތަކުން ދެ ބަޔަކަށް ބެހިގެންދާނެއެވެ. އެއީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި ދުވަސް ހޭދަކުރާނޭ މީހުންނާއި، ބިރުވެރިކަމާއި ހިތާމައިގައި ދުވަސް ހޭދަކުރާނޭ މީހުންނެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކާ ހަވާލާދީ ޚުތުބާގައި ބުނީ، އެ ދުވަހުން ބައެއް މޫނުތައް އުފާވެރިކަމުން އަލިވެފައި ހުންނާނެ ކަމަށާއި، އަނެއްބައި މޫނުތަކުގައި ހިރަފުސް ބުރައި، ކަޅު އަނދިރިކަން ވެރިވެފައި ހުންނާނެ ކަމަށެވެ. މިއީ އީމާންވެ ހެޔޮ އަމަލުކުޅަ މީހުންނަށް އޮތް އުފާވެރިކަމާއި، ކާފިރު ފާޖިރުންނަށް އޮތް ބިރުވެރިކަން ރަމްޒުކޮށްދޭ ކަމެކެވެ.
ދުނިޔޭގައި މާތް ﷲ އާއި ރަސޫލާއަށް އުރެދުނު މީހުންނަށް ލިބޭނޭ ވޭންދެނިވި ޢަޒާބުގެ ވާހަކަ ދައްކަމުން ޚުތުބާގައި ބުނީ، އެމީހުން ފިދާއެއް ދީގެން ވެސް އެކަމުން ސަލާމަތްވާން އެދޭނެ ކަމަށެވެ. އަދި އެ ދުވަހު އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާގެ ގުނަވަންތައް އޭނާ ކުރި ކަންތައްތަކަށް ހެކިދޭނެއެވެ. ކޮންމެ މީހަކަށްމެ އޭނާގެ އަމަލު ފަތް ހަވާލުކުރެވި، އަމިއްލަ ނަފްސު ހިސާބުކުރުމަށް އެންގޭނެއެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ، ޤިޔާމަތް ދުވަހަށް ތައްޔާރުވާ މީހަކު މާތް ﷲ އާއި ރަސޫލާއަށް ނުއުރެދޭނެ ކަމަށެވެ. ރަސޫލާގެ ހަދީޘްފުޅެއްގެ މައްޗަށް ބިނާކޮށް، އެ ދުވަހުން ކޮންމެ މީހަކު ވެސް ވާނީ އެމީހަކު ލޯބިވާ ބަޔަކާއެކުގައި ކަން ހަނދާންކޮށްދިނެވެ.
ޚުތުބާ ނިންމާލަމުން ވަނީ، ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ދެކޭނޭ އެއްޗެއްކަން ހަނދުމަކޮށް، ޝައިޠާނާގެ ކެހިވެރިކަމުގައި ނުޖެހި، ކުށްތަކަށް ތައުބާވުމަށް ގޮވާލާފައެވެ. އަދި ފާފަތަކާ ދުރުހެލިވުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅައި، ނަރަކައިން މިންޖުވެ ސުވަރުގެ ހާސިލުކުރާ ނަސީބުވެރިންގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ.





