ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ގާތް ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އަންނަ ހޮނިހިރު ދުވަހު ކައިވެނިކުރަން ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އުމުރުން 41 އަހަރުގެ ރޮނާލްޑޯ އާއި 32 އަހަރުގެ ޖޯޖީނާގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރޮނާލްޑޯ އުފަންވެ ބޮޑުވި ރަށް ކަމަށްވާ ޕޯޗްގަލްގެ މަޑީރާގައެވެ. މި ކައިވެނީގެ ހަފުލާ އޮންނާނީ މަޑީރާގެ ވެރިރަށް ފަންޗާލްގައެވެ. އަދި ކައިވެނީގެ ފުރިހަމަ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ފަސް ތަރީގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ ސެވޯއި ޕެލަސްގައެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ ފުރަތަމަ ދިމާވެ، ލޯބީގެ ގޮތުން ގުޅިފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އަށް އަހަރަށްވުރެ ގިނަ ދުވަހު އެކުގައި އުޅުމަށްފަހު، ރޮނާލްޑޯ ޖޯޖީނާއަށް ކައިވެނި ކުރުމަށް ހުށަހަޅާފައިވަނީ (ޕްރޮޕޯޒް ކުރީ) މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި ދެމީހުންގެ އަމިއްލަ ދެ އަންހެން ކުދިން ތިބި އިރު، ރޮނާލްޑޯގެ އިތުރު ތިން ފިރިހެން ދަރިންވެސް ތިބެއެވެ. އޭގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާގެ އުމުރަކީ މިހާރު 16 އަހަރެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ރޮނާލްޑޯއަކީ ހަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކުލަބަށެވެ. ރޮނާލްޑޯ އެ ކުލަބާ ގުޅުނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.
މި ކައިވެނީގެ ޚަބަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރޮނާލްޑޯގެ ސަޕޯޓަރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ.





