ޣައްޒާގައި ކުރިއަށްދާ ލޭއޮހޮރުވުންތައް ހުއްޓުމަކަށް ގެނައުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަގައިގެން އެކުލަވާލާފައިވާ 15 ނުކުތާގެ ޞުލްޙައިގެ ޗާޓަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅުހަދައި، އެ ޕްލޭން ގަބޫލުނުކުރާނެކަން ކަނޑައަޅައި ބުނެފިއެވެ.
އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، ހަމާސްގެ ކިބައިން ހުރިހާ ހަތިޔާރެއް އަތުލައި، އެ ޖަމާއަތް މުޅިން ނައްތާނުލަނީސް އިސްރާއީލު ސިފައިން ޣައްޒާގެ ބިމުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ލިޔުމަކީ އިސްރާއީލުގެ މަސްލަހަތު ހިމެނޭ އަދި ގަބޫލުކުރެވޭނެ އެއްޗެއް ނޫން ކަމަށްވެސް އޭނާ ތަކުރާރުކޮށް ބުންޏެވެ.
މި ޕްލޭނަކީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޓްރަމްޕްގެ ’ބޯޑް އޮފް ޕީސް‘ އިން އެކުލަވާލާފައިވާ ރޯޑްމެޕެކެވެ. މި އެއްބަސްވުމަށް އަމަލުކުރުމަށް ހަމާސްއިން ރުހުން ފާޅުކޮށްފައިވާއިރު، އޭގައިވާ ގޮތުން އިސްރާއީލު ސިފައިން ފަހަތަށް ޖެހުމާ އެކު، ހަމާސްގެ ހަތިޔާރުތައް އަތުލައި، އެ ތަކެތި ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފޯސްތަކާއި ފަލަސްތީނުގެ އާ ސަރުކާރާ ހަވާލުކުރަންޖެހެއެވެ.
ނަމަވެސް، ހަމާސްއިން ބުނަމުންދަނީ ހަތިޔާރު ހަވާލުކުރެވޭނީ އިސްރާއީލުން ހަމަލާތައް މުޅިން ހުއްޓާލައި ޣައްޒާއިން ސިފައިން ބޭރުކުރުމުން ކަމަށެވެ. އަދި އިސްރާއީލުން އެއްބަސްވުންތަކާ ހިލާފުވަމުންދާ ކަމުގެ ތުހުމަތުވެސް އެ ޖަމާއަތުން ކުރެއެވެ.
ނަތަންޔާހޫ އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ ފަރާތުން ހުށަހަޅާ ބައެއް ކަންކަމަކީ ގަބޫލުކުރެވޭނެ ކަންކަން ކަމުގައި ވީނަމަވެސް، އިސްރާއީލުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަމުގައި އެމެރިކާއިން ކިތަންމެ ބޮޑު ފިއްތުމެއް ކުރިމަތިކުރުވިޔަސް ދޫނުދޭނެއެވެ.
މި މައްސަލައިގައި އިސްރާއީލުގެ ސަރުކާރުގެ ތެރޭގައިވެސް ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ހާއްސަކޮށް އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ކުރިމަތިލާއިރު، ނަތަންޔާހޫއަށް ވަނީ ސަރުކާރުގައި ހިމެނޭ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ވަޒީރުންގެ ބޮޑު ފިއްތުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ ހަމާސް ސުންނާފަތިކޮށް ނައްތާނުލަނީސް ޣައްޒާއިން އެންމެ އިންޗިއެއްވެސް އިސްރާއީލު ސިފައިން ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ބުނެ، ނަތަންޔާހޫގެ ހަރުކަށި ސިޔާސަތަށް ތާއީދުކޮށްފައެވެ.
އެމެރިކާއިން އިސްވެ ކުރިއަށްގެންދާ މި މަޝްވަރާތަކަށް އިސްރާއީލުން މިވަގުތު ދެކޮޅުހެދި ނަމަވެސް، މެދުވެރިން މެދުވެރިކޮށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަދިވެސް ނުހުއްޓި ކުރިއަށްދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.





