ކީރިތި ރަސޫލާ މުޙައްމަދު ﷺ މި އުންމަތަށް ދޫކުރައްވާފައިވާ މަތިވެރި ތަރިކަ ކަމުގައިވާ ކީރިތި ޤުރުއާނާއި އެކަލޭގެފާނުގެ ސުންނަތުގައި ސާބިތުވެ ތިބި ބަޔަކު ދުވަހަކުވެސް މަގުއޮޅިގެން ނުދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްޞަކޮށްފައިވަނީ ”ކީރިތި މާތް ނަބިއްޔާގެ މައްޗަށް ލޯބިވުން“ މި މައުޟޫޢުގެ މައްޗަށެވެ.
މިއަދުގެ ޚުތުބާ ފަށަމުން ވަނީ، ކީރިތި ރަސޫލާ ފޮނުއްވުމުގެ ކުރިން މުޅި ދުނިޔެ ޣާފިލުކަމާއި ޖާހިލިއްޔަ ޒަމާނުގެ އަނދިރިކަމުގެ ތެރޭގައި އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން، މަދު ބަޔަކު ފިޔަވައި އެ ޒަމާނުގެ ގިނަ މީހުން އަޅުކަން ކުރަމުން ދިޔައީ ގަސްގަހާގެއްސާއި، ފެނާއި، ހިލައާއި އަދި އިންސާނުންނަށް ކަމަށާއި، އަޅުކަން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ ކޮބައިކަން އެނގޭ މީހުން އޭރު ނުހަނު މަދު ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
ރަސޫލާގެ މާތް މަތިވެރިކަމުގެ ވާހަކަ ބަޔާންކުރަމުން ޚުތުބާގައި ބުނީ، އެކަލޭގެފާނަކީ ތަޤުވާވެރީންގެ އިމާމު ކަމަށާއި، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި ސާހިބާ ކަމަށެވެ. އަދި ޤިޔާމަތް ދުވަހުން ޙަމްދު ލިބިގެންވާ މަޤާމާއި ޙައުޟުލް ކައުޘަރުގެ ވެރި، އަދި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވޭނޭ މާތް ސާހިބާއަކީ ވެސް މުޙައްމަދު ﷺ ކަން ޚުތުބާގައި ބަޔާންކުރިއެވެ.
އަމިއްލަ ނަފުސާއި، މުދަލާއި އަދި އަނބިދަރިންނަށް ވުރެ ބޮޑަށް ރަސޫލާ ދެކެ ލޯބިވެ، އެކަލޭގެފާނުގެ ސުންނަތަށް ނަޞްރު ދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، އެކަލޭގެފާނު ދެކެ ޙަޤީޤީ ލޯބިވާ މީހަކު ނަމަ އަޅުކަމުގައްޔާއި، މުޢާމަލާތްތަކުގައްޔާއި، އަޚުލާޤީ ހުރިހާ ކަމެއްގައިވެސް ނަމޫނާއަކަށް ބަލަންވާނީ އެކަލޭގެފާނު ކަމަށެވެ.
މީގެއިތުރުން، ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާއި ނަފުރަތު ކުރުމަކީ މީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވެގެންދާނެ ކަމެއް ކަމަށާއި، އެފަދަ ފަރާތްތަކަކީ މާތް ﷲގެ ލަޢުނަތް ލިބި، ވޭންދެނިވި ޢަޒާބު ޙައްޤުވާނޭ ބައެއްކަމުގެ އިންޒާރުވެސް ޚުތުބާގައި ވަނީ ދީފައެވެ.
ހުރިހާ މުސްލިމުންވެސް ﷲއަށް ތަޤުވާވެރިވެ ބިރުވެތިވުމަށް ނަސޭހަތްތެރިވަމުން ޚުތުބާގައި ވަނީ، މާތް ނަބިއްޔާ އުންމަތަށް ދޫކުރެއްވި މަތިވެރި ދެ ތަރިކަ ކަމުގައިވާ ޤުރުއާނާއި ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވާލާފައެވެ. އަދި އެ ދެ އަޞްލުގައި ދެމިތިބޭހާ ހިނދަކު މުސްލިމުންނަށް ދުވަހަކުވެސް މަގުއޮޅުމެއް ނެތްކަން ހަނދާންކޮށްދިނެވެ.
މިއަދުގެ ހުކުރު ޚުތުބާ ނިންމާލާފައިވަނީ، އިސްލާމީ އުންމަތަކީ މާތް ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި އަބަދުވެސް މަސައްކަތްކުރާ ހެޔޮލަފާ ބައެއްގެ ގޮތުގައި ލެއްވުން އެދި ކުރެވުނު އިޚްލާޞްތެރި ދުޢާއިންނެވެ.





