ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމީ ޚިދުމަތުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅުންނާއި ކުންފުންޏަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފިއެވެ.
މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް އެރުވިފައިވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ވަނީ ދެއްވާފައެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ، އެބޭފުޅުންގެ ދާއިރާއިން ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ:
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު މއ. ފީރޯޒްވާދީ.
- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލް މ. ދޫރެސް.
- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން: އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް ގ. ކްރީމްގެ. (މިބޭފުޅާއަށް އިނާމު އެރުވީ އެ ބޭފުޅާގެ ހަނދާނަށެވެ.)
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 9 ބޭފުޅުންނާއި ކުންފުންޏަކީ ތިރީގައި މިވާ ފަރާތްތަކެވެ:
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން: އަލްފާޟިލާ ޙުސްނާ ފަހްމީ މ. އަފްޒާ.
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލާ ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ. މަކުނުދޫ.
- ޞިއްޙީ ދާއިރާއިން ޞިއްޙީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން: ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދު ފިނިފެންމާގެ، ފ. ނިލަންދޫ.
- ޞިއްޙީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން: އަލްފާޟިލާ ޢާމިރާ ސުލައިމާން ފެހިއަލި، ބ. ކެންދޫ.
- އިޖުތިމާޢީ ރައްކައުތެރިކަމާއި، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން: އަލްފާޟިލާ ފާޠިމަތު އިބްރާހިމް ކާނިމާގެ، ޅ. ހިންނަވަރު.
- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރި އެކި މަސައްކަތްތައް ކުރުމުގެ ރޮނގުން: އަލްފާޟިލް އަޙްމަދު ވަޙީދު ޢަލީ ވެހި، ހއ. ކެލާ.
- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ.
- މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލް ޢަލީމުއްދީން ވިކްޓަރީ، ސ. ފޭދޫ.
- މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން: އަލްފާޟިލް މުޙައްމަދު ޖައިލަމް ޝާދީވިލާ، ގދ. ފިޔޯރީ.
- އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށް ނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު މުރީދުގެ، އއ. އުކުޅަސް.
މި އިނާމުތައް ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވުމަށް ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީން، ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތައް ދިރާސާކުރެއްވުމަށްފަހުއެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ. ޤައުމީ ދުވަހުގެ މި ރަސްމިއްޔާތަކީ ޤައުމީ ޚިދުމަތުގައި ދެމިތިބި ހީވާގި ފަރާތްތަކަށް ސަރުކާރުން އަގުވަޒަންކުރައްވައި ދެއްވާ އިނާމެކެވެ.





