ތިން އަހަރުގެ ކުޑަކުއްޖަކަށް އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާކުރި މައްސަލައިގައި، އެ ކުއްޖާގެ މަންމަގެ އެއްވެސް ބައިވެރިވުމެއް ހިމެނޭތޯ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ވީޑިއޯ ރެކޯޑް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާ ނިމެންދެން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ބުނީ، ”ކުއްޖާގެ މަންމައާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މިކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ މި ގެންދަނީ ތަހުގީގުގެ ތެރެއިން ބަލަމުން“ ކަމަށެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ހިމެނޭހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުއްޖާގެ ހާލަތު ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިހާރު ވެސް އަޅަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި އިހުމާލުވުމުގެ މައްސަލަތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިފަދަ ހިތާމަވެރި މައްސަލަތަކަކީ އިޖުތިމާއީ ގޮތުން މުޅި މުޖުތަމައު އިންތިހާއަށް ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.





