ޕާކުކޮށްފައި ހުރި ސައިކަލަކުން ހެލްމެޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ދެ މީހުންނަކީ، ހުޅުމާލެ ފޭސް-2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ދެ މީހުންނެވެ.
އާންމުކުރި ވީޑިއޯއިން ފެންނަނީ ޖީއެން މަރުކާގެ ސައިކަލެއްގައި އަންނަ ދެ ޒުވާނުންނެވެ. އެ ދެ މީހުންގެ ތެރެއިން ސައިކަލުގެ ފަހަތުގައި އިން މީހާ ވަނީ، ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ހުންގާނުގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ނަގައިގެން ގޮސްފައެވެ.
އެހެންކަމުން، ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ހުޅުމާލެ ފޭސް-2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.





