ހދ. އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅުގެ ލޭބަލުން ދުރުވެ، ފަތުރުވެރިކަން ފުޅާވެފައިވާ އަތޮޅަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ، އެރަށުގެ ތަރައްޤީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން، އެމަނިކުފާނު އެންމެ މުހިންމު ވަޢުދެއްގެ ގޮތުގައި ފާހަގަކުރެއްވީ ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަށް ވަރަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށާއި، މިއީ ރަށަށް އިޤްތިޞާދީ ކުރިއެރުން ގެނުވާނެ މަޝްރޫޢެއް ކަމަށެވެ.
ނައިވާދޫގެ ޒުވާނުންނަށް އޮތް ބޮޑު ކަންބޮޑުވުމަކަށް ޙައްލެއް ހޯއްދަވައިދެއްވަމުން ރައީސް ވިދާޅުވީ، ފުޓްބޯޅާގައި ކާމިޔާބު ރަށެއްކަމުގައި ވީނަމަވެސް ފެންވަރު ރަނގަޅު ދަނޑެއް ނެތުމުން ދަތިތަކެއް ހުރުމާއެކު، އެ މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ހޯދާފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. މިއީ ހުރިހާ ކަމެއް ފުރިހަމަ ދަނޑެއްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނައިވާދޫގެ ތަރައްޤީގެ އެހެނިހެން ކަންކަމަށްވެސް ރައީސް ވަނީ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން، ސްކޫލުގައި ފަށާފައިވާ ހޯލުގެ މަސައްކަތުގައި ލަސްތަކެއް ހުރިނަމަވެސް، މިހާރު އެކަމަށް ޙައްލު ހޯއްދަވާފައިވާ ކަމަށާއި، އެ މަޝްރޫޢު ބާރަށް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރު ބަނދަރު ހެދުން ފެށިފައިވާ ކަމަށާއި، ރައްޔިތުން އެދޭ ބަދަލުތައް އެ މަޝްރޫޢުއަށް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. ނަރުދަމާގެ މަޝްރޫޢުގެ 80 އިންސައްތަ ނިމިފައިވާ ކަމަށާއި، އެ މަޝްރޫޢުވެސް އަވަހަށް ނިންމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާ ތަރައްޤީކުރައްވާނެކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، ”އަންނަ އަހަރަށް ބަޖެޓު ހަދާއިރު ސިއްޙީ މަރުކަޒު ޖާގަ އިތުރުކުރުމަށް އައު އިމާރާތާއި ވަސީލަތްތައް ހަމަކުރުން. ލެބޯޓްރީ އިތުރަށް ވަރުގަދަކުރުން. މީގެ އިތުރަށް އެމްބިއުލާންސްގެ މައްސަލަވެސް ހައްލުކުރާނަން، އެއީ ވަރަށް އަވަހަށް ހައްލުކުރަންޖެހޭ މައްސަލައެއް.“ މީގެ އިތުރުން، ނައިވާދޫ ރައްޔިތުން އެދޭގޮތަށް މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެކަން ފާހަގަކުރައްވާ، އެ މަޝްރޫޢު އަންނަ އަހަރު ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ނައިވާދޫގެ އިޚްތިސާސްގައި ދެ ރަށެއް އޮތުމުން، އެ ދެރަށް ހިމެނޭގޮތަށް ކައުންސިލުން ލޭންޑުޔޫސް ޕްލޭން ހެދުމުން އެކަންވެސް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން އެހީތެރިވާނެކަމަށާއި، ޚާއްސަކޮށް ހދ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ”މިއީ މިހާތަނަށް މިއަތޮޅުގައި އެއްވެސް ބަޔަކަށް ނުކުރެވި އޮތްކަމެއް. އަޅުގަނޑުމެން މިހާރު ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި. މިއަތޮޅު ހިމެނޭހެން އިންވެސްޓުކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކެއް، ޑިސްކައުންޓުތަކެއް ދީފައި މި އަތޮޅުންވެސް ވަރަށް ގިނަ ފަޅުތަކާއި ފަޅުން ބައެއް، ގާތްގަނޑަކަށް 10 ވަރަށް ސަރަހައްދު، މިހާރު ވަނީ ބިޑަށް ހުޅުވާލެވިފައި މިދެންނެވި ޑިސްކައުންޓާއެކީ. ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ބީޑު ހުށައަޅަމުންދަނީ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޓީޑީސީން ކުރިއަށްގެންދަން މަސައްކަތްކޮށް ހުއްޓިފައިވާ ހދ. ނާގޯށި ރިސޯޓު މަޝްރޫޢުވެސް ކުރިއަށް ގެންދާނެ ގޮތްތައް ހޯދާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމްޓީޑީސީއަށް ފިނޭންސް މިނިސްޓްރީގެ ތެރެއިން އެ މަޝްރޫޢު ހިންގަން ލުއިތަކެއް ދީގެން، ނާގޯށި ފެށުމަށް ވަނީ މޯބިލައިޒްކޮށްފައި ކަމަށާއި، ވަރަށް ދުވަސްވީ މައްސަލައެއް ނަމަވެސް މިހާރު ބާރު ދުވެލީގައި ކުރިއަށް ގެންދާނެ ގޮތް ފަހިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރުމަށް އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. މި މަޝްރޫޢު ތަރައްޤީކުރުމަށް ދެ ފަހަރެއްގެ މަތިން ބޭރުގެ ކުންފުނިތަކަށް ސަބްލީޒްކޮށްފައިވީ ނަމަވެސް، 2012 ވަނަ އަހަރާއި 2021 ވަނަ އަހަރު ދިމާވި މާލީ ދަތިކަންތަކާއި، މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން އެއްބަސްވުންތައް އުވާލާފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް އޭގެ ނަފާ އެސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދެކެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ އެވާހަކަ ތަކުރާރުކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ހދ. އަތޮޅުގައި ފަތުރުވެރިކަން ފައްކާކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށާއި، ނައިވާދޫގެ ތަރައްޤީގެނެސް ރައްޔިތުން އެދޭގޮތަށް ކަންކަން ހާސިލްކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.





