މައި އިދިކޮޅު ޕާޓީ، އެމްޑީޕީން މިދިޔަ މަހުގެ ފަހުކޮޅު މާލޭގައި ކުރި މުޒާހަރާއަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓު މުޙައްމަދު ޝާމިން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފިއެވެ.
ޝާމިން ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން، ޝާމިން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، މަގު ބަންދުކުރުމަށް ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކުރި ކަމުގެ ތުހުމަތުގައެވެ.
ޓެކްސީ ޑްރައިވަރެއްގެ ގޮތުގައިވެސް މަސައްކަތްކުރާ ޝާމިން ހައްޔަރުކުރުމުގެ އަމުރަށް އެދި ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، ހާދިސާ ހިނގި ސަރަޙައްދަށް ދިޔަ ފުލުހެއްގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓެއް ވެސް ހިމެނެއެވެ.
މީގެކުރިން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖަކާ ގުޅިގެން ވެސް ޝާމިން ހައްޔަރުކުރިއެވެ. ނަމަވެސް އެ ފަހަރު އޭނާ ދޫކޮށްލީ ބައެއް ޝަރުތުތަކާ އެކުގައެވެ.
މިދިޔަ މަހު އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަޙްމަދު މައިމޫން މުޙައްމަދު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް، ކޯޓުން އޭނާގެ ބަންދަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.





