ރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށްވުރެ މައްޗަށް ދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ހޫނު ގަދަވުމުގެ ސަބަބުން ”ހީޓް އެކްޒޯސްޝަން“ ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުމުގެ އިތުރުން، ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ ”ހީޓް ސްޓްރޯކް“ ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދީ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.
ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި:
- ބޮލަށް އެނބުރުން އެރުން ނުވަތަ ހޭނެތުން
- ހަށިގަނޑުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުން (40 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތިވުން)
- ހަންގަނޑު ރަތްވެ، އާދަޔާ ޚިލާފަށް ހޫނުވުން
- ވިންދު ޖަހާ މިންވަރު އަވަސްވެ، ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
ހޫނުގެ އަސަރުކޮށްގެން ހީޓް ސްޓްރޯކްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް 100 އަށް ގުޅައި ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބަލިމީހާ ވަގުތުން ހިޔާ ސަރަހައްދަކަށް ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބާރު އަންނައުނެއް ލައިގެން ހުރިނަމަ ހަށިގަނޑު ފިނިކުރުމަށް ދޫ އަންނައުނަކަށް ބަދަލުކުރުމަށާއި، ތެތް ފޮތިކޮޅަކުން ހަށިގަނޑުގައި ފިނިފެން އުނގުޅުމަށް ވެސް އެދިފައިވެއެވެ. މީގެއިތުރުން، ހީޓް ސްޓްރޯކް ޖެހިފައިވާ މީހާއަށް ހޭވެރިކަން ނެތްނަމަ އަނގަޔަށް އެއްވެސް އެއްޗެއް (ފެންވެސް) ނުދިނުމަށާއި، ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުމަށް ވެސް ހަނދާންކޮށްދީފައިވެއެވެ.
އަދި ހޫނުން ރައްކާތެރިވުމުގެ ގޮތުން ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި، ގިނަގިނައިން ފެން ބުއިމަށް ވެސް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ، ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މެދުރާއްޖެތެރެއަށް އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ބެލެވުނު ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނީ އާންމު މިންވަރަށްވުރެ މަދުންނެވެ. އަދި މުޅި ރާއްޖޭގެ ހޫނުމިންވެސް ހުންނާނީ އާންމުކޮށް ހުންނަ ވަރަށްވުރެ މަތީގައެވެ.
މޫސުމަށް އަންނަ މި ބަދަލުތަކާއެކު ހޫނުމިން އިތުރަށް މައްޗަށް ދާނެ ކަމަށް ބެލެވޭތީ، ޚާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން މިދުވަސްވަރު ޞިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.





