ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން އިތުރު 12 މީހަކަށް ހިމަބިހި (މީޒަލްސް) ޖެހިގެން ރިޕޯޓުކުރުމާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 264 އަށް އަރައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން މި ބަލި އައީ ފެންނަމުންނެވެ. ނަމަވެސް، ފަހަކަށް އައިސް މި ބަލި ދިވެހިންގެ މެދުގައިވެސް ފެތުރެން ފެށުމާ ގުޅިގެން މިހާރުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތާ މިހާރު ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
މި ބަލިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ހިންގަމުންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،320 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
އެޗްޕީއޭ އިން އިލްތިމާސްކުރަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ މީހުންވެސް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ލަސްނުކޮށް ވެކްސިން ޖެހުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ އޭގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ. އަދި ޑޮކްޓަރަށް ދައްކަން ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އާންމުންނަށް ވަނީ ހަނދާންކޮށްދީފައެވެ.





