ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ފަޔާޟްގެ މަގާމުގެ ފެންވަރު، ސީނިއާ މިނިސްޓަރުގެ ފެންވަރަށް މަތިކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރުގައި މި ވަގުތު ސީނިއާ މިނިސްޓަރުގެ ފެންވަރުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް ފަޔާޒެވެ. ނަމަވެސް، އޭނާގެ މަގާމުގެ ފެންވަރު މި ބަދަލު ގެނައި ސީދާ ތާރީޚެއް އަދި މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު ފެށުނުއިރު، އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރުގެ ފެންވަރުގައި އައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެޑްވައިޒަރުގެ މަގާމަށް އައްޔަންކުރެއްވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ނަމަވެސް، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ޢަބްދުއްރަޙީމް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައި، މަގާމު ދޫކޮށްލައްވާފައެވެ.
އަބްދުއްރަހީމް އެ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން، ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅަކު ސީނިއާ މިނިސްޓަރުގެ ފެންވަރަށް މިހާތަނަށް ޕްރޮމޯޓްކޮށްފައެއް ނުވެއެވެ. އެހެންކަމުން، ފަޔާޒަކީ އަބްދުއްރަހީމަށްފަހު މި ސަރުކާރުގައި ސީނިއާ މިނިސްޓަރެއްގެ ދަރަޖަ ދެއްވި ފުރަތަމަ ބޭފުޅާއެވެ.





