އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެލުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އިސްނަގައިގެން އަޅަން ފެށި ފިޔަވަޅުތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅަނގުގެ ގައުމުތަކުން ނިންމި މި ނިންމުމަކީ ސަރަހައްދީ ސުލްހައާއި އަމަންއަމާންކަން ދެމެހެއްޓުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނު ރައްޔިތުންގެ ކަރާމާތާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ނިންމުނު އަގުހުރި ނިންމުމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ ދެ ދައުލަތުގެ ހައްލުކަމަށް ބާރުއަޅައި މި ބަޔާން ނެރުނީ އިނގިރޭސިވިލާތުން އިސްނަގައިގެންނެވެ. އެ ބަޔާނުގައި އިނގިރޭސިވިލާތުގެ އިތުރުން ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، އައިސްލޭންޑް، އަޔަލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން އިން ވަނީ ބައިވެރިވެފައެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ޔަހޫދީ އާބާދީތައް ފުޅާކުރުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ހަމައެއާއެކު، ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި، އަމިއްލަ އިހުތިޔާރުގައި ވެރިކަން ކުރުމުގެ ހައްގު ފުރިހަމައަށް ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި، ދިވެހިރާއްޖެ އަބަދުވެސް ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ފަހަތުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ އަލުން ދީފައެވެ.





