ރާއްޖޭގެ ރިސޯޓްތަކުން ބިމު ކުއްޔާއި، ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ދަޢުލަތަށް ނުލިބިވާ ފައިސާގެ އަދަދު 97 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ރާއްޖޭގައި ރިސޯޓް ހިންގާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަކީ ޓެކްސް ނިޒާމާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާ ފަރާތްތައް ކަމަށެވެ. ނަމަވެސް، މިހާރު ހިންގަމުންދާ ބައެއް ރިސޯޓުތަކާއި، ހުއްދައަކާ ނުލައި އަމިއްލައަށް ބަންދުކޮށްފައިވާ ބައެއް ތަންތަނުން ކުލި ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި ވަޒީރު ވިދާޅުވީ، މިގޮތަށް ދަޢުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 97 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ބައެއް ރިސޯޓްތަކުން 2013 ވަނަ އަހަރުން ފެށިގެންވެސް ކުލީގެ ފައިސާ ދައްކާފައެއް ނުވެއެވެ. މިއީ ދިގު މުއްދަތެއްގެ ތެރޭގައި ހިނގާފައިވާ ކަމަކަށްވާތީ، މި މައްސަލަ އެއްކޮށް ހައްލުކުރުމަށް ވަގުތު ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފައިސާ ނުދައްކާ ފަރާތްތަކާ މެދު އެއް ނިޒާމެއްގެ ތެރެއިން ހަމަހަމަކަމާއެކު ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އެކުލަވާލަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ޓައިމްލައިނާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
”އަޅުގަނޑުމެން ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް އެ ފައިސާ ހޯދުމަށް ކުރާ މަސައްކަތުން ކުރިއެރުންތަކެއް އެބަ ލިބޭ. އެ ރެންޓުތައް ނުލިބުމަކީ ވަރަށް ގޯސް މާހައުލެއް އުފެދިދާނެ ކަމެއް،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި، ރިސޯޓްތައް އޮޕަރޭޓްކުރަން ވާނީ ރިސޯޓް ހިންގާ ބިމަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކައިގެންނެވެ. އަދި ރިސޯޓުތަކުން ނަގާ ކުއްޔަކީ ސީދާ ދިވެހި ރައްޔިތުންގެ ޙައްޤުތަކާއި މަންފާއާ ގުޅިފައިވާ ފައިސާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ކުއްޔަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ރިސޯޓު، ހޮޓާ، ގެސްޓްހައުސް ނުވަތަ ޔޮޓް މެރީނާ ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި ފަޅުތަކުން ދަޢުލަތަށް ދައްކަންޖެހޭ މުހިންމު އާމްދަނީއެކެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، މިހާރު ރިސޯޓުތަކުން ކުލި ނަގަމުން އަންނަނީ އެ ރިސޯޓެއް އޮންނަ އަތޮޅަކަށް ބަލައި، ބިމުގެ ބޮޑުމިނުން އަކަމީޓަރަކަށް ވަކި ރޭޓަކުންނެވެ.





