ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގަމުން އައި ”ކްރޮސް ބޯޑާ ފީ“ މިރެއިން ފެށިގެން ނެގުން ހުއްޓައިލަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
ޤައުމީ ބޭންކުން ހާމަކުރި ގޮތުގައި މި ފީ ނެގުން ހުއްޓައިލުމާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުން އޭޓީއެމްތަކުން ފައިސާ ނަގާއިރު ކުރިން ކުރަންޖެހުނު އިތުރު ޚަރަދުތައް ކުރުމަކާ ނުލައި، އެ ކުދިންގެ ދިވެހި ރުފިޔާ ޑެބިޓް ކާޑުތަކަށް ހަމަޖައްސައިދީފައިވާ 1،200 ޑޮލަރުގެ ލިމިޓު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެއެވެ. ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ކުދިންގެ ޢާއިލާތަކަށް މާލީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މި ފީއާ ގުޅޭގޮތުން ބޭންކުން ބުނީ، ”ކްރޮސް ބޯޑާ ފީ“ ނުވަތަ ”އޮޕްޝަނަލް އިޝުއާ ފީ“ އަކީ ބޭންކުން ދޫކުރާ ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި، ރާއްޖެއިން ބޭރުގައި ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރުމުން ނަގަމުން އައި ފީއެއް ކަމަށެވެ. އެގޮތުން، ކާޑު ނުވަތަ ކާޑު ގުޅިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ކަރަންސީއަކުން ވިޔަފާރިކުރުމުން ނުވަތަ އޭޓީއެމްއިން ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަޤުވާމީ ޕޭމެންޓް ނެޓްވޯކްތައް މެދުވެރިކޮށް ޕްރޮސެސްކުރުމަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ޖުމްލަ އަދަދުން ވަކި އިންސައްތައެއް ބޭންކުން ނަގައެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ މިފަދަ ފީއެއް ނެގުމަކީ ބައިނަލްއަޤުވާމީ މާލީ މިންގަނޑުތަކުގެ ތެރެއިން ހުރިހާ ބޭންކުތަކުންވެސް އާންމުކޮށް ނަގަމުން އަންނަ ފީއެއް ކަމަށެވެ. އަދި ބީއެމްއެލްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގައި ހިންގާ މުއާމަލާތްތަކާއި ފައިސާ ނެގުމުގެ މުއާމަލާތްތަކުން މި ފީ ނަގަމުން އައިސްފައިވާ ކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއެވެ.





