މި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީނު ވިދާޅުވީ، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރާއި މި ސިނާއަތުގެ ހިއްސާދާރުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަހަރުގެ ފަހު ކުއާޓަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފަހު ކުއާޓަރުގައި ރާއްޖެއަށް އަލަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ހަތް އެއާލައިނުގެ ތެރޭގައި، މީގެ ކުރިން ރާއްޖެއަށް ސީޒަނަލް ދަތުރުތައް ކޮށްފައިވާ ދެ އެއާލައިނެއް ވެސް ހިމެނެއެވެ.
މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ އެއާލައިންތަކަކީ:
- ރަޝިއާގެ އެއާލައިނެއް
- ބަލްގޭރިއާގެ އެއާލައިނެއް
- ވިއެޓްނާމްގެ އެއާލައިނެއް
- އަރްމޭނިއާގެ އެއާލައިނެއް
- އިތިއޯޕިއަން އެއާލައިންސް
- ފްރާންސްގެ ފްރެންޗް ބީ
- ކުވެއިތު އެއާވޭސް
މި އެއާލައިންތަކުގެ ދަތުރުތައް ފެށުމާއެކު، މި އަހަރުގެ ފަހު ސީޒަނަކީ ފަތުރުވެރިކަމުގެ ގޮތުން ވަރަށް ކާމިޔާބު ސީޒަނަކަށް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު އަމީނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފެބުރުވަރީ 28 ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެރިއެވެ. މެދުއިރުމައްޗަކީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ މައިގަނޑު އެއް ރޫޓު ކަމަށްވުމުން، އެ ސަރަހައްދުގައި ހަމަލާތައް ބަދަލުކުރަން ފެށުމުން ރާއްޖެ އަންނަން އޮތް ގިނަ ދަތުރުތަކެއް ލަސްވެ، ބައެއް ދަތުރުތައް ވަނީ ކެންސަލްވެސް ވެފައެވެ. އަދި ހަނގުރާމަ ދިގުލައިގެން ދިޔުމުގެ ސަބަބުން ދަތުރުފަތުރުގެ އަގުތައް އުފުލި، ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.49 މިލިއަން ފަތުރުވެރިންނެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 3.7 އިންސައްތައިގެ ދަށްވުމެކެވެ. ރާއްޖެއަށް މިހާރު ޖުމްލަ 32 އެއާލައިނަކުން ޝެޑިއުލް އަދި ޗާޓަރު ދަތުރުތައް ބާއްވަމުން ގެންދެއެވެ.





