ދިވެހިރާއްޖޭގެ ޤާނޫނުތައް އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާ އެއްގޮތަށް އެކުލަވާލައި، ޤައުމުގެ ޤަޟާއީ އަދި ތަންފީޒީ ނިޒާމު އެ އަސާސްތަކުގެ މައްޗަށް ބައްޓަންކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްޞަކޮށްފައިވަނީ އިސްލާމްދީނުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން، ވޭތުވެދިޔަ 900 އަހަރު ދިވެހީން މިނިވަންކަމާއި އެއްބައިވަންތަކަންމަތީ ދެމިތިބުމުގެ އަސްލަކީ އިސްލާމްދީންކަން ފާހަގަކޮށް، ކުރިމަގުގައި ވެސް ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓޭނީ އިސްލާމީ އަސާސްތަކުގައި ހިފަހައްޓައިގެން ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ.
މުޖުތަމަޢެއްގައި ދީން ދެމިއޮންނާނީ ތައުޙީދުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ރުކުން ނަގަހައްޓައިގެން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. މީގެއިތުރުން، މި ޒަމާނުގައި ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި، ޖިނާއީ، މަދަނީ، ޢާއިލީ އަދި މާލީ އެންމެހައި ޤާނޫނުތައް އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާ އެއްގޮތަށް އެކުލަވާލުމުގެ ނިޒާމު ހަރުދަނާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ދިވެހިރާއްޖޭގައި އިސްލާމްދީން މިހާތަނަށް ދެމިއޮތީ ދައުލަތުން ދީނަށް ދިން ޚާއްޞަ ސަމާލުކަމާއި، ޤާނޫނީ ގޮތުން ދީން ޙިމާޔަތްކުރެވިފައި އޮތުމުގެ ސަބަބުންނެވެ. އެހެންކަމުން، ސިޔާސީ މެނިފެސްޓޯތަކާއި ތަޢުލީމީ މަންހަޖު ފަރުމާކުރުމުގައި އިސްލާމީ މަޤާޞިދުތަކާއި ޢަޤީދާ ޙިމާޔަތްކުރުމަށް އިސްކަންދޭންޖެހެއެވެ.
ހަމައެއާއެކު، އިސްލާމީ މަރުކަޒުތަކާއި މިސްކިތްތަކާއި ލައިބްރަރީތައް ޤާއިމުކުރުމަކީ އަންނަން އޮތް ޖީލުތަކަށް ދީން ވާރުތަކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކުރިއެވެ.
ނިންމުމެއްގެ ގޮތުން، ޖަމާޢަތުގައި ނަމާދުކުރުމާއި، މުޖުތަމަޢުގެ އަޚުލާޤު ރައްކާތެރިކުރުމަށާއި، ކޮންމެ ޢާއިލާއަކުން ވެސް ކީރިތި ރަސޫލާ ﷺ ގެ ރިވެތި ސިފަފުޅުތަކުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ނަމާދަށް އަހުލުވެރިކުރުވުމަށް ޚުތުބާގައި ވަސިއްޔަތްކޮށް، ހެޔޮ ތައުފީޤު އެދި ދުޢާ ދެންނެވިއެވެ.





