މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ފަށައިފިއެވެ. ޝަހީދު ޢަލީ ސްކޫލުގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އިން އިންތިޒާމުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް މިއަހަރު ކުރިއަށްދަނީ ”ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ“ މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށް، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށްޓަކައި ޚިޔާލާއި މަޢުލޫމާތު ބަދަލުކުރުމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާއިރު، 106 ފަރާތަކުން ޖުމްލަ 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ކީނޯޓު ސްޕީޗް ދެއްވުމަށް ހަމަޖެހިފައިވަނީ ކެމްބްރިޖު ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓްގެ ސައުތު އޭޝިޔާ މެނޭޖިންގ ޑިރެކްޓަރ އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ.
މި ކޮންފަރެންސްގެ ތެރޭގައި މުހިންމު ދެ މައުޟޫޢަކަށް ޕެނަލް ޑިސްކަޝަން ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ދުވަހު ”ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖިޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން“ އަދި ދެވަނަ ދުވަހު ”ބިޔޯންޑް އެކަޑެމިކްސް: ރީއިމޭޖިނިންގ އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރެލެވެންސް އެންޑް ޑައިވަރސް ޕެތްވޭސް“ މި މައުޟޫޢަށް ބަހުސްކުރެވޭނެއެވެ.

މީގެއިތުރުން ބައިވެރިންނަށް އަމާޒުކޮށްގެން 4 ވޯކްޝޮޕެއް ބޭއްވުމުގެ އިތުރުން ގއ. މާމެންދޫ ސްކޫލް، މުޙްޔިއްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި ޢަފީފުއްދީން ސްކޫލުން އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށަހަޅާނެއެވެ. އަދި ކޮންފަރެންސްގެ ފަހު ދުވަހު ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ރޭގަނޑުގެ ކެއުމެއްވެސް އޮންނާނެއެވެ.
ރާއްޖޭގެ އިތުރުން ސްރީލަންކާ، ޕާކިސްތާން، މިސްރު، އޮސްޓްރޭލިޔާ އަދި އިންޑިޔާގެ ތަޢުލީމީ ފަންނީ މާހިރުން ބައިވެރިވާ މި ކޮންފަރެންސަކީ ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.





