ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ހުޅުމާލޭގައި ރަސްމީކޮށް އަޅައިފިއެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ބިނާކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވަރަށް ހާއްސަ ރަސްމިއްޔާތެއްގައެވެ.
”ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ“ ގެ ނަމުން ނަންދެވިފައިވާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މީގެއިތުރުން މި މަޝްރޫޢު ކުރިއަށްގެންދާ ސައުދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ބަންދަރު ޢަބްދުﷲ އައްރާޖިޙީ އާއި، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވެސް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެއްފަހަރާ 10،000 މީހުންނަށް ނަމާދު ކުރެވޭ ފެންވަރަށް ތަރައްގީކުރާ މި މިސްކިތުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ބިނާއަކީ އިސްލާމީ އާކިޓެކްޗާގެ ފުރިހަމަކަމާއި ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުއްސަނދި ތަރިކަ ދައްކުވައިދޭނެ ތަނެއް ކަމަށެވެ. އަދި މިއީ އީމާންތެރިކަމާއި، އިލްމާއި، އެކުވެރިކަމުގެ އިތުރުން އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަރުކަޒެއްގެ ގޮތުގައި ޚިދުމަތްކުރާނެ ތަނެއް ކަމުގައިވެސް ވިދާޅުވިއެވެ.
މި މިސްކިތް ހިމެނޭ ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ވަގުފު ބިނާތަކާއި، ވިޔަފާރި އުސޫލުން ހިންގާ ކޮމާޝަލް އިމާރާތްތަކުގެ އިތުރުން ޕާކިން ޒޯނެއް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކޮމްޕްލެކްސްގައި ހިމެނޭ ވަގުފު އިމާރާތްތަކުން ލިބޭ އާމްދަނީ އާއި ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ އެކި ކަންކަން ކުރިއެރުވުމަށެވެ.





