ސަރުކާރުގެ އަމާޒަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުރިއަށްވުރެ ބޮޑުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ ހަވަނަ އެޕިސޯޑުގައި، ސިއްހީ ދާއިރާގެ މުވައްޒަފަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މުވައްޒަފު ވަނީ އަލަށް އަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ތެރެއަށް ބައެއް މުވައްޒަފުން ނުފެތޭތީ ހުރި ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް އަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެއްވެސް މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ ކަމަށް ޕޭ ކޮމިޝަނަށްވެސް އަންގަވާފައިވާނެ ކަމަށެވެ.
”އަޅުގަނޑު ބޭނުން ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އެއްޗެއް ކުރިއަށްވުރެ ބޮޑުވާން، އެއީ އޭގެ އެންމެ ބޮޑު މަގްސަދަކީވެސް، ވައުދުވި ގޮތަކީވެސް. އެގޮތަށް ނުވެ ހައްލުނުވެ ހުރިހާ އެންމެންނަށް ހައްލު ކުރަން އަދިވެސް ދަންނަވައިގެން، ހުރިހާ މުވައްޒަފުންނަށް މިކަން ހައްލުކޮށްދޭނަން،“ ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ސީދާ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވާ މި ސިލްސިލާ ޕްރޮގްރާމްގައި، އިތުރު ދާއިރާތަކާއި އިންތިޚާބީ ބައެއް ދާއިރާތަކުގެ ރައްޔިތުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.





