ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާ މަންޒަރު ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ އަޙްމަދު ނައީމް ކިޔާ މީހެއްގެ މައްޗަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތުން އޭނާގެ މައްޗަށް ޖުމްލަ ތިން ދަޢުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި ޖިންސީ ޢަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުމުގެ ދަޢުވާގެ އިތުރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ދެ ދަޢުވާއެއް ހިމެނެއެވެ.
މި މައްސަލައިގެ ޝަރީޢަތް ނިންމައި ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބަޔާންކޮށްފައިވަނީ، ޖިންސީ ޢަމަލެއްގެ މަންޒަރު ކުއްޖާއަށް ދެއްކިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން އޭނާ 7 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ޙުކުމްކޮށްފައެވެ.
ނަމަވެސް، ކުއްޖާ ގްރޫމްކުރުމާ ގުޅޭގޮތުން އުފުލި ދެ ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައި ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.





