ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މި ދެ ބޭފުޅުންގެ ދެމެދުގައި މިއަދު ބޭއްވި މި ބައްދަލުވުމާއި މަޝްވަރާތަކާ ގުޅޭގޮތުން މިހާތަނަށް ފައިސަލްގެ ފަރާތްޕުޅުންނާއި އަދި ރައީސް އިބޫގެ ފަރާތްޕުޅުން ވެސް އެއްވެސް ތަފްސީލެއް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލް ނަސީމް ވާދަކުރައްވާނަމަ އެމަނިކުފާނަށް ރައީސް އިބޫގެ ތާއީދު އޮތް ކަމަށް ސިޔާސީ މައިދާނުގައި އަޑުފެތުރިފައިވެއެވެ. މިކަމާ ގުޅޭގޮތުން އަދި އަމިއްލަފުޅަށް ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ވެސް ރައީސް އިބޫ މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއާ ރަސްމީކޮށް ގުޅިވަޑައިގަތީ މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ޕްރައިމަރީ ބޭއްވުމަށް އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ.





