މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް އޭސީތަކެއް ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލަކާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދުގެ މައްޗަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މި މައްސަލައިގައި ޖުނައިދުގެ އިތުރުން ދައުވާކުރުމަށް ނިންމާފައިވަނީ އެ ދުވަސްވަރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމުގައި ހުރި ޢަބްދުލްވައްހާބުގެ މައްޗަށެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، 2016 އިން 2017 ވަނަ އަހަރާ ދެމެދު އެމްޕީއެލް އިން 18 އޭސީ ގަތުމުގައި އަމަލުކޮށްފައި ވަނީ އޭރު އެ ކުންފުނިން ޢަމަލު ކުރަމުންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ޤަވާއިދުތަކާ މުޅިން ޚިލާފަށެވެ.
މީގެއިތުރުން، މި މުޢާމަލާތް ހިންގާފައިވަނީ އާންމުކޮށް އިޢުލާންކުރުމެއް ނެތި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި އެ މަސައްކަތުގެ އެއްވެސް ތަޖުރިބާއެއް ނެތް، އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެ ދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި އޭސީތައް ގަނެފައިވާކަން ތަހުގީގަށް ވަނީ ހޯދިފައެވެ. ޖުމްލަ 18 އޭސީ ގަތުމަށް 1,083,998 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.
އެހެންކަމުން، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމާއި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާތީ، ޖުނައިދާއި ޢަބްދުލްވައްހާބުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މައްސަލަ ފޮނުވުމަށް އޭސީސީން މިހާރު ވަނީ ނިންމާފައެވެ.





