މިނިސްޓްރީ އޮފް ޔޫތު އެމްޕަވަާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޡާމް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކުރީކޮޅު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ނިޡާމަކީ ދައުލަތަށާއި އަމިއްލަ އެކި ދާއިރާތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ނިޡާމް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓުގާޑުގައި ޚިދުމަތްކުރައްވައިފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ކޯސްޓްގާޑު ފްލީޓުގެ ޑައިވަރެއްގެ ގޮތުގައާއި، ކޯސްޓްގާޑު އުޅަނދު ’ޣާޒީ‘ ގެ ކޯޕްރަލެއްގެ ގޮތުގައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި އޯޕަން ވޯޓާ، އެޑްވާންސްޑް އަދި ރެސްކިއު ޑައިވިން ފަދަ ތަމްރީނުތައް ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.
އަސްކަރީ ޚިދުމަތުގެ އިތުރުން، އިމާރާތްކުރުމާއި ރިސޯޓު ތަރައްގީކުރުމާއި، ޕްރޮޖެކްޓުތައް މެނޭޖުކުރުމުގެ އިތުރުން އިދާރީ ހިންގުމުގެ ދާއިރާއިން ވެސް ނިޡާމް ވަނީ ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވައިފައެވެ. އެގޮތުން ރިސޯޓު ހެދުމާއި މަރާމާތުކުރުމުގެ ބޮޑެތި ގިނަ މަޝްރޫއުތަކެއް އޭނާ ވަނީ ކާމިޔާބުކަމާއެކު ބަލަހައްޓަވައިފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، އަޙްމަދު ނިޡާމަކީ ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށްފަހު، އެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ފެންވަރަށް ވެސް ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.





