ޤަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ގދ. ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީގެ އިތުރުން ކައުންސިލްގެ ކުރީގެ ބައެއް މެންބަރުންގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، ”ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު“ ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ އަދި ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ސާފުކޮށް ބަޔާންކޮށްފައި އޮއްވައި، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
މި ނިންމުމަކީ ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުން ކަމަށްވާ އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް، އާންމުކޮށް އިޢުލާންކުރުމަކާ ނުލައި ގަވައިދާ ޚިލާފަށް އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކުރައްވައި، ގަވާއިދާ ޚިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުގެ ބޭރުން އިތުރު 2000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ގަވައިދާ ޚިލާފަށް ދޫކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުގެ ތަހުގީގަށް ވަނީ އެނގިފައެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް އޭސީސީން ނިންމާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ދައުވާކުރުމަށް ނިންމާފައިވަނީ ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް (މޭޔަރު) ސަޢުދު ޢަލީގެ އިތުރުން، އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ.
މި ބޭފުޅުންގެ މައްޗަށް އުފުލުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.





