މާލޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވި ތިން މީހުންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަނިޔާވި މީހުންގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އަނެއް ދެ ފިރިހެނުންނަށް ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 21 އަހަރުގެ ފިރިހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.





