ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ 33 ފަރާތެއްގެ ނަން އެ އޮތޯރިޓީން މިއަދު އާންމުކޮށްފިއެވެ. މިގޮތުން ނަން ހާމަކޮށްފައިވަނީ ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކައިވާ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ.
މީރާއިން ވިދާޅުވި ގޮތުގައި މިއީ ”ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު“ގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް ވެސް އެކަމުގެ މައުލޫމާތު ވަނީ ދީފައެވެ. އެގޮތުން ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ އިތުރު ފިޔަވަޅުތަކުގެ ތަފުސީލު ވެސް މީރާއިން ވަނީ އެ ފަރާތްތަކަށް ސާފުކޮށްދީފައެވެ.
މީގެއިތުރުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ. އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކައި ހުރި ފަރާތްތަކުން އަވަހަށް ފައިސާ ދައްކައި ޚަލާޞްކުރުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު އެކަނިވެސް 497 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. މިއީ ވޭތުވެދިޔަ މަހު މީރާއަށް ބަލައިގެންފައިވާ ޖުމްލަ އާމްދަނީގެ 3.01 އިންސައްތައެވެ.





