މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދ. ކުޑަހުވަދޫން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ދރ 1384 / މާލެ، ޒުލްކިފްލި ރަޝާދު އާދަމް (20އ) އާއި، ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) ގެ އިތުރުން މާވެޔޮ / ދ. ކުޑަހުވަދޫ، އަބްދުލްގައްޔޫމް އަބްދުއްސައްތާރު (44އ) އެވެ.
ފުލުހުން ވިދާޅުވީ، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި ތިއްބައި ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.





