ރަސްމާލޭގައި ތަރައްގީކުރާ ބިޔަ މަޝްރޫއުގެ ދަށުން ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް ނުވިއްކާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވައިފިއެވެ.
ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރުމަށްޓަކައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް، ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ސަރުކާރުން ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއީ ރާއްޖޭގައި ރިސޯޓު ހެދުމަށް ރަށްތައް ދޫކުރާ އުސޫލުން ލީސް އެގްރީމެންޓެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑު ކުންފުންޏަކާއެކު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އެއްވެސް ގޮތަކަށް މިއީ ރާއްޖޭގެ އެއްވެސް ބިމެއް، އެންމެ ބިންކޮޅެއް ވެސް ވިއްކާލެވޭނެ ގޮތަށް ހިންގޭ ޕްރޮޖެކްޓެއް ނޫން،“ ބިން ވިއްކާލާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ޒަރީރު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ފަސްކޮޅެއްވެސް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުވާ ގޮތަށް ވިއްކައިނުލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ތަކުރާރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގައި ވެސް ސަރުކާރުން އެ ސިޔާސަތު އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި އިމާރާތްތަކުގެ އަސްލު މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން އީގަލް ހިލްސްގެ އަމިއްލަ ހަރަދުގައި 500 މިލިއަން ޑޮލަރުގެ އަގުހުރި 5،000 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށާއި، މި ހައުސިން ޔުނިޓްތައް ބިނާކުރުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭގައި އެ މަސައްކަތް ކުރިއަށްގެންދިއުމަށް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ހާމަކުރައްވާފައެވެ.





