ދިވެހިރާއްޖެއަށް ޤަވާއިދާ ޚިލާފަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ އިތުރުން މަނީ ލޯންޑަރިންގ ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާއިން މިއަދު މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު އިތުބާރު ހުރި މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި، ސުވާލުކޮށް އެމީހުން ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ދެ މީހުން ހުއްޓުވުމަށްފަހު، އެމީހުން ދުއްވި ސައިކަލުގެ އިތުރުން އެމީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ’އަމާން އުދަރެސް‘ ގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި 156 ވޭޕް ކާޓްރިޖާއި، ނެނޯ ސްޓިކް ފެނިފައިވެއެވެ. މީގެއިތުރުން، ޣައިރު ޤާނޫނީ ވިޔަފާރި ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ވެސް އެތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.





