ސިނަމާލެ ބްރިޖުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ވިދާޅުވީ، ސިނަމާލެ ބްރިޖުން ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ މެންދަމު 2:21 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުދުއްވިގެން ބްރިޖުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސައިކަލެއްގައި، ފަހަތުން ދުއްވާފައި އައި އެހެން ސައިކަލެއް ޖެހިގެންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި ފަރާތް ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.





