ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢާއި، ވިލިމާލެ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ވިލިމާލޭގައި އަލަށް އިމާރާތް ކުރާ 100 އެނދުގެ ”ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް“ އަދި މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މި ދެ މަޝްރޫޢުގެ ވެސް ޑިޒައިން ކުރުމުގެ މަރުޙަލާ ނިމިފައިވާ ކަމަށާއި، މި އަހަރުގެ ފަހުކޮޅު ނުވަތަ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅުގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ތަފްޞީލީ ކުރެހުންތައް އެކުލަވައިލުމަށްޓަކައި ކުރަންޖެހޭ ސާވޭތަކާއި ފަންނީ ދިރާސާތައް މިހާރު އޮތީ މުޅިން ނިމުމުގެ މަރުޙަލާގައެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލް އިދާރާތައް އައު އިމާރާތްތަކަކަށް ބަދަލުކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އެ މަސައްކަތްތައް ވެސް ބާރަށް ކުރިއަށްދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢު އެޕްރޫވްވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ގިނަ އެހީތަކެއް ޗައިނާ ސަރުކާރުން އަބަދުވެސް ދަނީ ފޯރުކޮށްދެމުންނެވެ.





