އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރުކުރަން ފެށުމާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ތާއީދުކުރުމުގެ ގޮތުން ދިވެހިރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއްގެ މަންދޫބުން ޖަލްސާ ކުރާ މާލަމުން ނުކުމެވަޑައިގެންފިއެވެ.
އާންމު މަޖިލީހުގެ ބަހުސްގައި އިޒްރޭލުގެ ބޮޑުވަޒީރު ވާހަކަދެއްކުމަށް ޕޯޑިއަމްއަށް އެރުމާއެކު، ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރާއްޖޭގެ މަންދޫބުންގެ އިތުރުން، އިސްލާމީ ގައުމުތަކާއި އެހެނިހެން ގިނަ ގައުމުތަކުގެ ސަފީރުންނާއި ވަފުދުތަކުގެ ވެރިން ވަނީ އެއްފަހަރާ ތެދުވެވަޑައިގެން މާލަން ދޫކުރައްވައި ވަޑައިގެންފައެވެ.
ފޮރިން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަންދޫބުން މާލަމުން ނުކުމެވަޑައިގަތުމަކީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި ރާއްޖެއިން އެހެން ގައުމުތަކާ ގުޅިގެން މާލަމުން ނުކުތީ ފަލަސްތީނުގެ ހައްގުތައް ހިމާޔަތްކުރުމަށް އަޑުއުފުލައި ވަކާލާތުކުރުމުގެ ގޮތުން ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
މި އިހުތިޖާޖުގެ ސަބަބުން ނަތަންޔާހޫ ތަގުރީރު ކުރެއްވި ވަގުތު، އާންމު މަޖިލީހުގެ މާލަމުގެ ގިނަ ގޮނޑިތައް ހުރީ ހުހަށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ޣައްޒާގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާނާ ގުޅިގެން، ބައިނަލްއަގުވާމީ މަސްރަހުގައި އިޒްރޭލު އެކަހެރިވަމުންދާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދިޔަ މުހިންމު ހަރަކާތެކެވެ.
މީގެ ކުރިން ވެސް އދ. ގެ އެކި ޖަލްސާތަކުގައި އިޒްރޭލުގެ ފަރާތުން ވާހަކަދައްކަން ފެށުމުން، ގައުމުތަކުން ވަނީ ފަލަސްތީނުގެ ހައްގުގައި މިފަދައިން މާލަން ދޫކޮށް ނުކުމެ އިހުތިޖާޖުކޮށްފައެވެ.





