ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ވިލުންތެރިކަން އިތުރުކުރުމަށާއި، ބައިނަލްއަޤްވާމީ ގޮތުން ޤާނޫނީ ޔަޤީންކަން ކަށަވަރުކުރުމުގެ އިތުރުން މާލީ އެހީތެރިކަން ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި އިއްޔެ ބޭއްވި ”ހައި-ލެވެލް ޕްލެނަރީ މީޓިން އޮން އެޑްރެސިން ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް“ ގައި ދިވެހިރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށެވެ.
މީގެ ކުރިން، 1989 ވަނަ އަހަރު ބޭއްވި ”މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިން އެންޑް ސީ ލެވެލް ރައިޒް“ ގައި ރާއްޖެއިން މި ކާރިސާގެ ވާހަކަ އދ. ގެ ސަމާލުކަމަށް ގެނައިކަން ނައިބު ރައީސް ހަނދުމަފުޅުކޮށް އެރުވިއެވެ. އަދި އޭރު ދެއްކި އިންޒާރުތައް މިހާރު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި މައްސަލައަކަށް ވެފައިވާކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ބިނާރަށާއި، ރައްޔިތުންގެ ދިރިއުޅުމަށާއި، އިޤްތިޞާދީ މައިގަނޑު ދާއިރާތަކަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށް ވިދާޅުވިއެވެ.
މި ނުރައްކާތަކުން އަރައިގަތުމަށްޓަކައި މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ އެހީތެރިކަމަކީ ދުރާލައި ލަފާކުރެވޭ، ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުޠުތަކާއެކު ދެވޭ މާލީ އެހީއަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢަށް މިން ނުކުރެވޭ ކަމަކަށް ޙައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓަރކޮށް ބަލާނެ ޚާއްޞަ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން މިކަންކަމަށް ޔަޤީންކަން ލިބިދޭންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުނު ކަމުގައިވިޔަސް، ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ ބޭސްލައިންތަކާއި، ކަނޑުގެ ސަރަޙައްދުތަކާއި އަދި ދައުލަތްތަކަށް ލިބިދޭ ޙައްޤުތަކަށް އެއްވެސް އުނިކަމެއް އަތުވެގެން ނުވާނެ ކަމަށާއި، ބިމުގެ ޖިއޮގްރަފީއަށް ބަދަލު އަޔަސް ދައުލަތެއްގެ ދަރަޖައާއި، ސިޔާދަތާއި، އދ. ގެ މެންބަރުކަމުގެ ޤާނޫނީ ޙައިޘިއްޔަތަށް އެއްވެސް ބަދަލެއް އައިސްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ތަރައްޤީގެ ޕްލޭންތަކާ ގުޅޭގޮތުން ނައިބު ރައީސް އިތުރަށް ވިދާޅުވީ، އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުން ފެށިގެން އިޤްތިޞާދީ އިސްތިރާޖީތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ސީދާ ހިމަނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ތިންވަނަ ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގެ ތެރެއިން މިފަދަ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރަމުން އަންނަކަން ފާހަގަކުރައްވައި، މިފަދަ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ތަރައްޤީގެ ބައިވެރިން އެހީތެރިވެދިނުމަށް އެދިވަޑައިގެންނެވިއެވެ.
ބަޔާން ނިންމަވާލައްވަމުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މެދުކެނޑުމެއްނެތި ދުނިޔޭގެ ސަމާލުކަން ބޭނުންވާ މައްސަލައެއްކަން ހަނދާންކޮށްދެއްވައި، ޤައުމުތަކުން ވެފައިވާ ވަޢުދުތައް ޢަމަލީ މަސައްކަތްތަކަށް ބަދަލުކޮށް، މުސްތަޤްބަލު ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސްކުރައްވާފައެވެ.





