ރަސްމާލޭގައި އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިން މިލްކުކުރުމުގެ ފުރުޞަތެއް ނުދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރަށް އީގަލް ހިލްސްގެ މަޝްރޫޢާއެކު އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ބިން ވިއްކައި މިލްކުކޮށްދޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށާއި، މި މަޝްރޫޢުގެ ދަށުން ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް (ލީސް އުސޫލުން) ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ. މީގެއިތުރުން ސަރުކާރުން ސޮވްރިން ގެރެންޓީއެއް ދީގެން، ލޯނެއް ނަގައިގެން ނުވަތަ ޓެކްސް ކޮންސެޝަނާއި ޑިއުޓީ އެގްޒެމްޕްޝަން ފަދަ ޚާއްޞަ ލުއިތަކެއް ދީގެން ކުރިއަށްގެންދާ އެއްވެސް ކަމެއް މި އެއްބަސްވުމުގައި ނުހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ ވިސްނުމުގައި ބައެއް ފަރާތްތަކުން މި މަޝްރޫޢުގެ ތަޞައްވަރު އޮޅުވާލަން މަސައްކަތްކުރަނީ ރައްޔިތުންނަށް ފައިދާވާނެ މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައިކަން ފާހަގަކުރައްވައި ރައީސް ވަނީ ހިތާމަފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމަށް ފައިދާވާ ކަމެއް ކޮންމެ ސަރުކާރަކުން ކުރިއަށްގެންދިޔަ ނަމަވެސް އެންމެ ފުރަތަމަ އިސްކުރަންވާނީ ޤައުމީ މަޞްލަޙަތު ކަމަށެވެ. އެފަދަ ވިސްނުމެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތަކަށް ވާހަކަދެއްކުމަކީ ޤައުމަށް ގެއްލުން ލިބިގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ފާޑުކިޔުންތަކާއެކުވެސް މި މަޝްރޫޢު ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ އިޤްތިޞާދީ، އުމްރާނީ އަދި އިޖުތިމާޢީ ގޮތުން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ގެނެސްދީ، ޤައުމުގެ ޖީޑީޕީ އިތުރުވެގެންދާނެ މަޝްރޫޢެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީގަލް ހިލްސް ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓަކީ 20 ބިލިޔަން ޑޮލަރުގެ އަގުހުރި ބިޔަ މަޝްރޫޢެކެވެ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް ގެނެވޭ އެންމެ ބޮޑު ސީދާ ބޭރުގެ އިންވެސްޓްމަންޓެވެ.





