މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން 95،000 ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭގެ ފަތާ ޓްރެކް ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ މަހުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން، އެ ސަރަހައްދުގެ ސީސީޓީވީ (CCTV) ފުޓޭޖްތައް ބަލައި ފާސްކޮށް، ސައިކަލު މަޑިދަށުން ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ ދެނެގަނެވިފައެވެ. އަދި އެ މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރުމުން، ސައިކަލު މަޑިދަށުން ފައިސާތައް ނެގި ކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ވަގަށް ނެގި ފައިސާގެ ތެރެއިން ތުހުމަތުކުރެވޭ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އޭގެ އިތުރުން 40،000 ރުފިޔާ، ފައިސާގެ އަސްލު ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައެވެ. ނަމަވެސް، ބާކީ ހުރި 55،000 ރުފިޔާ ތުހުމަތު ކުރެވޭ މީހާ ބޭނުންކޮށްފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން މިހާރު ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ ހާދިސާތައް ތަކުރާރުވަމުންދާތީ، ސައިކަލުގެ މަޑިދަށުގައި ފައިސާ އަދި އަގުބޮޑެތި ތަކެތި ނުބެހެއްޓުމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.





