ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ސްމަގުލްކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ އިތްރާނީ ގަލެ އަދި 47 އަހަރުގެ ނިއްކަ ތަމަންގް އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ އެ ދެ މީހުންނަކީވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބަލައި، ބަންދުގައި ބޭތިއްބުމަށް 3 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، މި ދެ މީހުންނަކީ ވެސް ހަށިގަނޑުގެ އެތެރޭގައި ރައްކާކޮށް (ދިރުވާލައިގެން) ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާ ދެ މީހުންނެވެ. އަދި އެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ހުރުމާ ގުޅިގެން، ސިއްހީ ފަރުވާދޭ މަރުކަޒެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތީ، ބަންދުގެ މަޖިލީހަށް އެ ދެ މީހުން ހާޒިރުކުރެވިފައެއް ނުވެއެވެ.
ފުލުހުން ވަނީ މި މައްސަލައިގައި އެ ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މައްސަލަ ހުށަހެޅި ފޯމު ހިމެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





