މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ ”ޑރ ޕެޕާ“ ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ބާޒާރުގައި ނުވިއްކުމަށާއި، އަދި އާއްމުކޮށް ބޭނުންނުކުރުމަށް އެދިއްޖެއެވެ.
މިކަމަށް އެދިފައިވަނީ، އެ ބުއިމުގައި ހުންނަންޖެހޭ މިންވަރަށް ވުރެ ”ބެންޒޮއިކް އެސިޑް“ އިތުރުވެފައިވާކަން ފާހަގަވެފައިވާތީއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ”ޑރ ޕެޕާ“ ސޮފްޓް ޑްރިންކްގައި ހުންނަންޖެހޭ މިންވަރަށްވުރެ ބެންޒޮއިކް އެސިޑް އިތުރުވުމުގެ ސަބަބުން، މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށާއި އަދި ނައްތާލުމަށް އަންގާފައިވާ ކަމަށެވެ. މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ސިއްހަތަށް ގެއްލުމެއް ލިބުމުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެއޮތޯރިޓީން ފާހަގަކުރައްވައެވެ.
އެމްއެފްޑީއޭއަށް މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (ރާސްފް) މެދުވެރިކޮށް ކަމަށް އެއޮތޯރިޓީން މައުލޫމާތު ދެއްވައެވެ. މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި، ވިއްކުން ހުއްޓާލުމަށާއި، އަދި އެއްވެސް ފަރާތަކުން ބޭނުންނުކުރުމަށް އިލްތިމާސްކޮށްފައެވެ.





