ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮތް އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ގަތަރުގެ ވެރިރަށް ދޯހާގައި، ދިވެހިރާއްޖޭގެ ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު ހަސަން ޒަރީރު، ގަތަރުގެ ފިނޭންސް މިނިސްޓަރު އަލީ ބިން އަހުމަދު އަލް ކުވާރީއާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމެއްގައެވެ.
ފިނޭންސް މިނިސްޓްރީން އެކްސްގައި ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ އަމިއްލަ ވިޔަފާރިތައް ނުވަތަ ޕްރައިވެޓް ސެކްޓަރު ކުރިއެރުވުމަށް ހުރި ފުރުސަތުތަކުގެ މައްޗަށެވެ. މީގެ އިތުރުން، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި އިގުތިސާދީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ހުރި އައު މަގުތައް ހޯދުމާ ގުޅޭގޮތުން ދެ ގައުމުގެ ވަޒީރުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދީ ކުރިއެރުން ހޯދުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ މެދު ވެސް ވަނީ އެއްބަސްވެ މަޝްވަރާކުރައްވާފައެވެ.
ގަތަރަކީ އަބަދުވެސް ރާއްޖެއާ ގާތް އަދި އެކުވެރި ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށްވާއިރު، މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރު އައު ހަރުފަތަކަށް ވާސިލުވެގެންދާނެ ކަމަށް ބެލެވެއެވެ.





