އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރެއިންނެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި އަތުލައިގަތީ މި ހިނގާ މަހުގެ 27 ވަނަ ދުވަހު މާލެ ވިޔަފާރި ބަނދަރުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ”ޖެނެރަލް ކާގޯ“ ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރިއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓު ފޮރުވާފައި ހުއްޓާ ވަނީ ފެނިފައެވެ.
މި އޮޕަރޭޝަނުގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖުމްލަ 8،527،480 (އަށް މިލިޔަން ފަސްލައްކަ ސައްބީސް ހާސް ހަތަރުސަތޭކަ އައްސިހަ) ސިނގިރޭޓް ސްޓިކެވެ. މިއީ 426،374 ފޮށި ސިނގިރޭޓެވެ. އަދި 42 ހާހަށްވުރެ ގިނަ ކާޓަންގެ ސިނގިރޭޓެވެ.
ދުންފަތުގެ ބާވަތްތަކަކީ ރާއްޖެއަށް އެތެރެކުރާއިރު ބޮޑު ޑިއުޓީއެއް ނަގާ ބާވަތްތަކެކެވެ. އެގޮތުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އޮންނަގޮތުން، ރާއްޖެއަށް އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 4 ރުފިޔާގެ ޑިއުޓީއެއް ނަގައެވެ. މި މިންވަރުގެ ބޮޑު ޝިޕްމަންޓެއް ޤަވާޢިދާ ޚިލާފަށް އެތެރެކުރަން އުޅެފައިވަނީ ދަޢުލަތަށް ދައްކަންޖެހޭ ޓެކުހާއި ޑިއުޓީއަށް މަކަރުހަދައި، ބޮޑު މާލީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް އެތެރެކުރި މި ސިނގިރޭޓްތަކުގެ މައްސަލަ މިހާރު އެ އިދާރާއިން އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.





