ސޭފްޓީ އެންޑް ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ އަޒުމަކަށް ވާންވީ ދުނިޔޭގެ އެންމެ ރައްކާތެރި ގައުމަށް ރާއްޖެ ހެދުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔަރ، ސޭފްޓީ އެންޑް ސެކިއުރިޓީ އިންޑަސްޓްރީ (މަފްސީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް މިއަދު ފެށި ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ޓޫރިޒަމް ދާއިރާއިން ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އޮތްއިރު، ރާއްޖެ ޒިޔާރަތްކުރާ މެހެމާނުންގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވޭނީ ސަރުކާރުގެ މުއައްސަސާތަކާއި ޓޫރިޒަމް ދާއިރާގެ އިތުރުން ސެކިއުރިޓީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ އަލިފާނުގެ ހާދިސާތަކާއި، ކަނޑުމަތީގެ ހާދިސާތަކާއި، ގުދުރަތީ ކާރިސާތަކުގެ އިތުރުން ސައިބާ އެޓޭކްތަކާއި، އޮންލައިން ފްރޯޑްގެ އަމަލުތަކާއި، މަސްތުވާތަކެއްޗާއި އާންމު ސިއްޙަތާ ގުޅުންހުރި މައްސަލަތަކަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތައް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރައްވައި، ކަމެއް ހިނގުމުގެ ކުރިން އެކަމަކުން ރައްކާތެރިވުމަށް ދުރާލައި ތައްޔާރުވެ ތިބުމުގެ މުހިންމުކަމަށް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ.
ރައްކާތެރި އަދި ވިލުންތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭއްވޭނީ ހަރުދަނާ ސިޔާސަތުތަކާއި، ފަންނީ ތަމްރީނުތަކާއި، ޒަމާނީ ޓެކްނޮލޮޖީ އާއި އިންވެސްޓްމަންޓްތަކުގެ އިތުރުން އެކި މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސަރުކާރާއި ދާއިރާގެ އެންމެން ގުޅިގެން މަސައްކަތް ކުރަން ވާނީ ހިރާސްތައް ކުޑަކޮށް، ދުރާލައި ތައްޔާރުވެ ތިބުމާއި ފުރާނަ ސަލާމަތް ކުރުމާއެކު ރާއްޖެ އަކީ ރައްކާތެރި މަންޒިލެއްކަމުގެ އިހުސާސް ފަތުރުވެރިންނަށް ކޮށްދިނުމަށް،“ މިނިސްޓަރު ވިދާޅުވި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި، ރައްކާތެރިކަމާއި ސަލާމަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމެނޭހެން މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.





