އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ޓޫރިޒަމަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ މި މައްސަލައިގެ އަޑުއެހުމުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ޝަފަވީ ހަތަރު ހެއްކަކާއި ކިތާބީ ހެއްކެއް ހުށަހަޅުއްވާފައެވެ.
އެގޮތުން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މިހާރުގެ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން އަބްދުﷲ ރަޝީދު ކިޔާ ފަރާތެކެވެ. މީގެއިތުރުން، ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ ޑޮލަރު މާރުކުރެއްވި ކަމަށް ބުނާ ލިޔުމެކެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މި ދިފާއު ހުށަހެޅުއްވީ، އެމަނިކުފާނުގެ ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ރިޝްވަތުގެ ފައިސާ ނޫން ކަމަށާއި، އެއީ ޑޮލަރު މާރުކުރުމުގެ ސައްހަ މުއާމަލާތަކުން ލިބުނު ފައިސާކަން ސާބިތުކޮށްދެއްވުމަށެވެ.
ނަމަވެސް، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލު އަހުމަދު ޝަފީއު ވަނީ އެ ހެކިތައް ބަލައިނުގަތުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ހަގީގަތުގައި ވެސް އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކަށް ވާނަމަ، މައްސަލައިގެ ތަހުގީގު މަރުހަލާގައި އެ ވާހަކަ ހާމަނުކުރައްވައި ހަނުހުރުމުގެ ހައްގު ބޭނުންކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ތަހުގީގުގައި ދައްކަވާ ވާހަކައެއް އެމަނިކުފާނާ ދެކޮޅަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބެއް ދަށު ކޯޓާއި ހައިކޯޓުގެ މަރުހަލާގައި ވެސް ރައީސް ޔާމީނުގެ ފަރާތްޕުޅުން ދެއްކިފައި ނުވާކަން ދައުލަތުން ވަނީ ފާހަގަކުރައްވާފައެވެ.





