ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއު ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭޖީ އުޝާމް މިހެން ވިދާޅުވީ، ރަސްމާލެއިން 99 އަހަރަށް ބޭރުގެ ބަޔަކަށް ބިން ދިނުމަކީ ދާއިމީކޮށް އެ ބިން ވިއްކާލުން ކަމަށާއި އެކަން ހުއްޓާނުލައިފި ނަމަ ސަރުކާރު ބަދަލުވުމާއެކު އުޝާމް ހިމެނޭހެން އެކަމުގައި ބައިވެރިވި ސަރުކާރުގެ އިސްވެރިންނަށް އަދަބުދޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާދިއްތަ ދުވަހުގެ ރޭ ދެއްވި އިންޒާރަށް ރައްދު ދެއްވަމުންނެވެ.
މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، ރިސޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް ބަދަލުކޮށްފައި ވަނީ ހުދު ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން، ރާއްޖޭގައި ޓޫރިޒަމާ ބެހޭ ގާނޫނު އެންމެ ފުރަތަމަ 1999 ވަނަ އަހަރު އެކުލަވާލިއިރު ރިސޯޓުތައް ކުއްޔަށް ދެމުން އައީ ގިނަވެގެން 25 އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، ނަމަވެސް ފަހުން އެ މުއްދަތު އިތުރުކުރީ ކުރީގެ ސަރުކާރުތަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އެގޮތުން 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މުއްދަތު 50 އަހަރަށް ބަދަލުކުރި. އޭގެ ފަހުން 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޒޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވޭ،“ އުޝާމް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ، ޓޫރިޒަމާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުން ޓޫރިސްޓް ރިޒޯޓެއް ކުއްޔަށް ދޫކޮށްފައިވާ 99 އަހަރުގެ މުއްދަތު ހަމަވުމުން، އެ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓެއްގެ އަގުން ބާކީ ބައި ކެނޑުމަށްފަހު ޖެހޭ އަގު އިންވެސްޓްކޮށްފައިވާ ފަރާތަށް ސަރުކާރުން ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއާ ހިލާފަށް ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއު ގަވާން ކުރާނީ މިހާރު އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އުޝާމް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއާ ގުޅިގެން މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ލެޓާ އޮފް އިންޓެންޓް (ކޮމާޝަލް ޓާމްސް އެގްރީމެންޓް) އެއްގައެވެ. އަދި މަޝްރޫއު ފެށުމުގެ ކުރިން އެ އެގްރީމެންޓުގައިވާ ޓާމްސްތަކުގެ މައްޗަށް ބިނާކޮށް އިތުރަށް މަޝްވަރާކޮށްގެން އެކުލަވާލާ ޑެފިނިޓިވް އެގްރީމެންޓްތަކެއްގައި ސޮއިކުރުމުގެ އިތުރުން މިކަމާ ގުޅުންހުރި ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
”މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ،“ އުޝާމް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް ދިނުމަށް ނިންމާފައިވަނީ އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އަށެވެ. ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއުގެ ދަށުން ޒަމާނީ މެރީނާއަކާއި ދުނިޔޭގެ ފެންވަރުގެ ވޯޓަފްރަންޓް ސިޓީއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.





