ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ޓަރމިނަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އައު ޓަރމިނަލް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެވެ. މި ބަދަލަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވިއަން އިން ސީޕްލޭންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު އެ ކުންފުނީގެ ސީޕްލޭން ޓަރމިނަލް ރަސްމީކޮށް ހުޅުވުނެވެ. އެންމެ ދެ ބޯޓުން ފެށި މި ޚިދުމަތް ފުޅާވެ، މިހާރު މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި 11 ބޯޓު އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.
މިދިޔަ އަހަރު ފެށި މި މަޝްރޫޢުގެ ދަށުން މުޅި ޓަރމިނަލްގެ އިންޓީރިއާ އަދި އެކްސްޓީރިއާއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ދަތުރުވެރިންނަށް ޚިދުމަތްދޭ ސީޕްލޭން ލައުންޖްގެ ޖާގަ ވަނީ ކުރިއަށްވުރެ ދެ ގުނަ ބޮޑުކޮށްފައެވެ. އަދި ދިވެހިވަންތަ މާހައުލެއް ތަޖުރިބާކޮށްލެވޭނެ ހިތްގައިމު އައުޓްޑޯ އޭރިއާއަކާއި، ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަޙައްދެއް (ކިޑްސް ޕްލޭ އޭރިއާ) ވެސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ލުއިކާނާ އަދި ހަނދާނީ ހަދިޔާ ލިބޭނެ ކިއޮސްކަކާއި، މުވައްޒަފުންނަށް ޚާއްސަ ކެންޓީނެއް ޤާއިމުކޮށް، ފަސިންޖަރުން ބޯޑުކުރާ ގޭޓުތަކުގެ އަދަދު ވެސް ވަނީ އިތުރުކޮށްފައެވެ.
މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، އެންމެ ފަހުގެ ޖީލުގެ ’ޓްވިން އޮޓަރ ކްލާސް 300ޖީ‘ މަރުކާގެ ދެ ބޯޓު ހޯދުމަށް ނިންމައި، މިދިޔަ އޮގަސްޓް މަހު ވަނީ އޯޑަރު ދީފައެވެ.
މޯލްޑިވިއަން އިން މަޢުލޫމާތު ދޭ ގޮތުގައި، އަލަށް ގެންނަ މި ދެ ބޯޓު ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރާއްޖެ ގެނެސް، ދަތުރުތަކުގައި ބޭނުންކުރަން ފެށޭނެއެވެ. މިއާއެކު އެ ކުންފުނީގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެއެވެ.





