ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް މަރުވާ ފުލުހުންގެ އާއިލާތަކަށް ވެސް ފުލުހުންގެ ޚިދުމަތުން ބޭސްފަރުވާ ކޮށްދޭން ޖެހޭ ގޮތަށް ފުލުހުންގެ ވަޒީފާގެ ގަވައިދު އިސްލާހުކޮށް، ސަރުކާރުގެ ގެޒެޓުގައި މިރޭ ޝާއިއުކޮށްފިއެވެ.
ފުލުހުންގެ ވަޒީފާގެ ގަވައިދަށް ގެނައި މި އިސްލާހުގައިވާ ގޮތުން، ޚިދުމަތުގައި ތިބޭ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކޮށްދޭ އުސޫލުން، ވާޖިބު އަދާކުރަމުން ދަނިކޮށް ދިމާވާ ހާދިސާއެއްގައި މަރުވާ ފުލުހުންގެ އާއިލާތަކަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭސްފަރުވާގެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެއެވެ.
މީގެއިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވާ ފުލުހުންގެ ޖަނާޒާ ވަކި ޚާއްސަ ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމަށް ނިންމިދާނެ ކަމަށް ވެސް އެ ގަވައިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެގޮތަށް ނިންމަންވާނީ ފުލުހުންގެ އޮފިސަރު ނިޔާވި ހާލަތާއި، ދިމާވި ހާދިސާގައި ކަން ހިނގައިދިޔަ ގޮތާއި، މުވައްޒަފު އަދާކުރި ދައުރަށް ބަލައި، ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓު ބޯޑަށް ހުށަހަޅައިގެން، އެ ބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށް އިސްލާހުގައިވެއެވެ.
ފުލުހުންގެ ބޭސްފަރުވާގެ ގަވައިދަށް މި ބަދަލު ގެނެސްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓެއްގައިވާ ގޮތުން، 2019 އިން ފެށިގެން 2024 ގެ ނިޔަލަށް ފުލުހުންނާއި އެ މީހުންގެ އާއިލާތަކުގެ ބޭސްފަރުވާއަށް 618،949،192 (ހަސަތޭކަ އަށާރަ މިލިއަން ނުވަސަތޭކަ ސާޅީސް ނުވަހާސް އެއްސަތޭކަ ނުވަދިހަ ދޭއް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ހަމަ އެ މުއްދަތުގައި ސިފައިންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ބޭސްފަރުވާއަށް 601،061،300 (ހަސަތޭކަ އެއް މިލިއަން ފަސްދޮޅަސް އެއްހާސް ތިންސަތޭކަ) ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު ސިފައިންގެ ބޭސްފަރުވާއަށް ކުރާ ހޭދަ 23 އިންސައްތަ އަދި ފުލުހުންގެ ބޭސްފަރުވާއަށް ކުރާ ހޭދަ 24 އިންސައްތަ ވަނީ އިތުރުވެފައެވެ.
އެހެންކަމުން، ދައުލަތުން ބޭސްފަރުވާއަށް ކުރާ ޚަރަދު ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި، ސިފައިންނާއި ފުލުހުންގެ އިތުރުން އެ ފަރާތްތަކުގެ އާއިލާތަކަށް މިހާރު ދެމުން އަންނަ ބޭސްފަރުވާގެ ސްކީމް މުރާޖައާކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ. އަދި ދައުލަތުން މި ޚިދުމަތްތަކަށް ކުރަންޖެހޭ ޚަރަދު އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ފަދަ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލުމަށް ވެސް އޮޑިޓް ރިޕޯޓުގައި ބާރުއަޅާފައިވެއެވެ.





